ޤައުމީ މަންހަޖު ކާމިޔާބުކަމާއެކު ތަންފީޒުކުރުން: އަމިއްލަވަންތަ ޤައުމީ އިމްތިޙާނެއްގެ މުހިންމުކަން

 

ދުނިޔެ 21 ވަނަ ޤަރުނާއެކު ކުރިއަށްދާއިރު ވަރަށް ގިނަ ކަންތައްތައް މިވަނީ ބަދަލުވެފައެވެ. އުނގެނުމާއި އުނަގަންނައި ދިނުމަށްވެސް ކުރިއެރުންތައް އައިސް ދުނިޔޭގެ އެކި ޤައުމު ތަކުގެ ތައުލީމީ މަންހަޖުތައްވެސް މިވަނީ ބަދުލުވެފައެވެ. މިފަދަ ޒަމާނީ މަންހަޖުތައް ފަރުމާކޮށްފައި މިވަނީ ދަރިވަރުންނަށް ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ. މިބޭނުމުގައި ތައްޔާރުކުރާ މަންހަޖުތައް މިގޮތަށް ފަރުމާކުރުމުގެ ބޭނުމަކީ ދަރިވަރުން ސުކޫލު ނިމޭއިރު އެކުދިންނަކީ ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ބައަކަށް ހެދުމުގެ އުއްމީދުގައެވެ.

މަންހަޖުތަކަށް އައިކުރިއެރުންތަކާއި އެކު ފެންވަރުބެލުމާއި ވަޒަންކުރުން ވެސް މިވަނީ ޒަމާނާ އެއްގޮތަށް އެކި ޤައުމުތަކުގައި ބަދަލުވެފައެވެ. މިސާލަކަށް، އާއްމު އިމްތިހާނުތަކަށާއި ރަސްމީ އިމްތިހާނުތަކަށް ވެސް ގެންނަންޖެހޭ ބަދަލުތައް ނިއުޒީލޭންޑް. އޮސްޓްރޭލިއާ، އަދި ކެނެޑާ ފަދަ ޤައުއުމުތަކުގައި މިވަނީ ތަންފީޒުކޮށްފައެވެ. "ހޮލިސްޓިކް" ނުވަތަ ވަށައިޖެހޭ ތައުލީމެއްގެ ސިފަތައް ފެންނާނޭ ފަދަ ގޮތަކަށް ފެންވަރުބެލުމާއި ވަޒަންކުރުން ރާވައި ކާމިޔާބުކަމާއެކު މަންހަޖުތައް ތަންފީޒުކޮށް ކުރިއަށް ގެންގޮސްފައެވެ. މިފަދަ ކާމިޔާބީއެއް ލިބިގެންދިއުމުގައި ހިއްސާވާ އެންމެ މުހިންމު އެއްކަމަކީ މިޤައުމުތަކުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް އެސެސްމަންޓް ފޯ ލާރނިންގ (ފޯރމެޓިވް އެސެސްމަންޓް)  ރަސްމީކޮށް ބޭނުންކުރާތީއެވެ.

"އެސެސްމަންޓް ފޯ ލާރނިންގ" އަކީދަރިވަރުންގެ  ފެންވަރު   ވަރަށް  ގާތުންބަލައި ކުރިއެރުންތައް ފާހަގަކޮށް ދާއިމީގޮތެއްގައި ފީޑްބެކް ދިނުމާއެކު އުނގެނުން ކުރިއަށް ގެންދިއުމެވެ. މިގޮތުން ކުލާހުގައި  ހޭދަކުރާ  ހުރިހާ  ވަގުތެއްގައިވެސް  ދަރިވަރުގެ  ފެންވަރުބަލައި  "މޮނީޓަރކޮށް"  ލިބޭ މައުލޫމާތު އެއްކުރާނެއެވެ. މުދައްރިސުން  މިއެއްކުރާ މައުލޫމާތު ދިރާސާކޮށް  އަބަދުވެސް ދާނީ ދަރިވަރުގެ ކުރިއެރުމަށް މަސައްކަތް ކުރަމުންނެވެ.  މުދައްރިސުން މިގޮތަށް ވިސްނައިގެން ކަންތައްތައް ރާވައިގެން ކުރިއަށް ގެންދަނީ އެދަރިވަރަކު ހުރިހިސާބު ރަގަޅަށް ދެނެ ގަނެގެންނެވެ. މިދެނެގަތުމާއެކު، އަބަދުވެސް މުދައްރިސުން ބަލަމުންދާނީ ދެންޖެހިގެން ހުރި  ހަރުފަތައް  (ނެކްސްޓް  ލާރނިންގ  ސްޓެޕްއަށް) ދަރިވަރުން އެރުވޭތޯއެވެ.  

ފެންވަރުބަލައި ވަޒަންކުރުމުގެ ގޮތުން "އެސެސްމަންޓް ފޯ ލާރނިންގ" ރަސްމީ އިމްތިހާނުތަކުގައި ހިމަނާނަމަ މިބާވަތުގެ އެސެސްމަންޓްތައް ހިމެނިދާނެއެވެ. މިސާލަކަށް:

-         ދަރިވަރުންގެ ހުށަހެޅުންތައް

-        ޕްރޮޖެކްޓް މަސައްކަތްތައް

-        އަމަލީގޮތުން ދަރިވަރުން ލައްވާ މަސައްކަތް ކުރުވައިގެން (އެކްސްޕެރިމަންޓްތައް)

-        އެސައިންމަންޓް ދީގެން

-        ޕޯރޓްފޯލިޔޯ އާއި ރިފްލެކްޓިވް ޖާނަލްތައް

-        ޑިޖިޓަލް ޓޫލްސްތައް ބޭނުންކޮށްގެން ނަގާ އެސެސްމަންޓް (މިސާލަކަށް ޑިސްކަޝަން ބޯޑް ފަދަ)

-        ދަރިވަރުން މަސައްކަތްކުރާއިރު ކުރާ އޮބްޒަރވޭޝަންތައް

-        އޯޑިއޯ އާއި ވީޑިއޯ ފަދަ ވަސީލަތް ބޭނުންކޮށްގެން

"އެސެސްމަންޓް ފޯ ލާރނިންގ" ހިމަނައިގެން ދިވެހި ރާއްޖޭގެ ޤައުމީ އިމްތިހާނު ދިނުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުން ވަރަށް މުހިންމެވެ. ސަބަބަކީ، ދިވެހިރާއްޖޭގެ މަދުރަސީ ތައުލީމުގެ ޤައުމީ މަންހަޖަކީ 21 ޤަރުނުގެ ހުނަރުތައް އެކުލެވި ދަރިވަރުންގެ އުނގެނުން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް އަމާޒުކޮށްގެން ފަރުމާ ކުރެވިފައިވާ ފުރިހަމަ ނަމޫނާ މަންހަޖެކެވެ. މިގޮތުން މަންހަޖުގައި ބާރުއަޅައިފައި މިވަނީ ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އުމުރާއި ފެންވަރާ ގުޅޭ އުނގެނުމުގެ ތަފާތު ކަންކަމުގައި ހަރަކާތްތެރިގޮތެއްގައި ބައިވެރިކުރުމަށެވެ. އަދި ހާއްސަ ސަމާލުކަމެއް ދީގެން އެދަރިވަރެއްގެ ކިބައިގައި ހުރި އަމިއްލަ ނަފުސުގެ ޤާބިލުކަންހޯދައި، އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އުނގަންނައި ދިނުމުގައި ބޭނުންކުރަން ޖެހޭގޮތަށެވެ. އެއާއެކު ޝާމިލުވެށްޓެއްގައި ދަރިވަރުން އިތުރަށް ތަރައްޤީ ކުރުމުގެ ފުރުސަތުތައް މިމަންހަޖުން ފަހިކޮށްދެއެވެ. ޤައުމީ މަންހަޖުގެ ޒަރީއާއިން މައުލޫމާތު އުނގަންނައިދިނުމާއި ދެވޭ ތައުލީމުގެ ބޭނުން، ދިރިއުޅުމުގައި ހިފާނެގޮތުގެ ހުނަރުވެރިކަން ހޯދައިދިނުމަށް ދަރިވަރުންނަށް އެހީތެރިވެދެއެވެ. މިސާލަކަށް، ތަފާތު ހުނަރުތަކާއި ހިއްސާކުރާ އަގުތަކާއި ރީތި ސިފަތައް އަށަގެންނެވުމަށް އުނގެނުމުގެ ތެރެއިން ބާރުއަޅާނެއެވެ. އޭގެ އިތުރުރުންވެސް އުނގެނުމުގެ އަމަލީ ތަޖުރިބާތައް އުނގެނުމާއި އުނަގަންނައި ދިނުމުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް މަންހަޖު ބާރުއަޅައެވެ. މަންހަޖުގެ މަޤްސަދަކީ ކޮންމެ ދިވެހި ދަރިއަކީ އުނގެނުމާއި ހޯދާބެލުމަށް ޝައުޤުވެރިވާ، އިސްލާމީ ޢަޤީދާ ވަރުގަދަ، ދިވެހި ޤައުމިއްޔަތު ދަމަހައްޓާ، ޒިންމާދާރު، އުފެއްދުންތެރި އަދި ޤާބިލު ފަރުދަކަށް ހެދުމެވެ. އެންމެ މުހިންމު ގޮތެއްގައި ފާހަގަވަނީ މަންހަޖުގެ ތަސައްވުރުކަމަށްވާ ދިރިއުޅުމަށް ތައްޔާރު ކުރުމެވެ (ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖު، 2014).  

 

މިފަދަ ފުރިހަމަ މަންހަޖެއް ތަންފީޒުކުރެވޭނީ  ފެންވަރު ވަޒަންކުރުމުގައި "އެސެސްމަންޓް ފޯ ލާރނިންގ"  އާއި "އެސެސްމަންޓް އޮފް ލާރނިންގ" އެކު އެކީގައި ރަސްމީ އިމްތިހާނުތަކުގައި ހިމަނައިގެންނެވެ. ސަބަބަކީ މިހާރު ދަރިވަރުން ސުކޫލު ނިމޭއިރު މިހަދާ އިމްތިހާނުން ފެންވަރު ވަޒަންކުރެވެނީ ދަރިވަރުންގެ ހަނދާނުގައި ހަރުލާފައި ހުންނަ މައުލޫމާތުގެ ބައި އެކަންޏެވެ. މިގޮތަށް ބޮޑު މަންޒަރެއްގެ ގޮތުގައި ފެނިގެންދަނީ ސުކޫލުތަކުގައި އިމްތިހާނަށް ތައްޔާރު ވުމުގެ ގޮތުން މައުލޫމާތު ހިތުދަސްކުރުވައި "ރޯޓްލާރނިންގ" ކުރިއަށް ގެންދާ ތަނެވެ. އަދި ކުރިއަށް ދަނީ އުގަންނައި ދިނުމުގެ ތެރޭގައި ދަރިވަރުން ލައްވައި "ޕާސްޓް ޕޭޕަރސް" ހެދުމުގެ ސަގާފަތެކެވެ. ދަރިވަރުން އަމިއްލައަށް ވިސްނައިގެން ޖަވާބެއް ހޯދުމަށް ވެސް މުދައްރިސުން ފުރުސަތު ނުދެއެވެ. އެ "ވޯރކް ޝީޓް" ގައި ލިޔަން ޖެހޭ ޖަވާބަކީ މުދައްރިސު އޭނާއަށް ހިތު ދަސްކުރަން ދީފައިވާ ޖަވާބެވެ.  މިފަދަ  އިމްތިހާނުތަކަކީ މިޒަމާނަށް ކަމުދާ ގޮތަށް ފަރުމާކޮށްފައިވާ އިމްތިހާނުތަކެއް ނޫނެވެ. އަދި މިގޮތަށް ފެންވަރުވަޒަން ކުރުމުން، މަންހަޖުގައި ބާރުއަޅާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާ، އަމަލީ މަސައްކަތް، މައިގަޑު ޤާބިލިއްޔަތާއި، ސިފަތަކާއި ހިއްސާކުރާ އަގުތައް މިދަނީ ފެންވަރު ވަޒަންކުރުމުގެ ތެރޭ ނުހިމެނިއެވެ.

މިގޮތަށް އިމްތިހާނުތައް ފަރުމާކޮށްފައި ވުމުގެ ސަބަބުން، ދަރިވަރުންނާއި، ބެލެނިވެރިންނަށް މިދަނީ ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. މިސާލަކަށް، "އިމްތިހާނެއް ނުވަތަ ޓެސްޓެއް"ގެ ވާހަކަ ބުނުމުން ގިނަފަހަރަށް ދަރިވަރުންނަށް ބިރުވެރި އިހުސާސްތަކެއް ކުރުވައެވެ. މި އިހުސާސުތައް މުދައްރިސުން ދަރިވަރުންނަށް ރަނގަޅަށް މައުލޫމާތު އޮޅުންފިލުވައިދީ، އެ މައުލޫމާތުގެ އެހީގައި ދަރިވަރުން އިމްތިހާނަށް ވަރަށް ރަނގަޅަށް ތައްޔާރު ކުރުވިދާނެއެވެ. ނަމަވެސް އިމްތިހާނު އޮންނަ ދުވަހު ބައެއް ދަރިވަރުންނަށް ރަނަގަޅަށް ކަރުދާސް ހެދިފައި އަނެއްބައެއް ދަރިވަރުންނަށް ރަނގަޅަށް ކަރުދާސް ނުހެދިދާނެއެވެ. ހަމައެއާއެކު މުދައްރިސުންނާއި ބެލެނިވެރިން އުއްމީދުކުރި ގޮތަށް ހުރިހާ ދަރިވަރުންނަށް ނަތީޖާ ނުނެރެވިދާނެއެވެ. މީގެ ސަބަބުތަށް ވަރަށް ގިނައެވެ. މިސާލަކަށް:

·        ދަރިވަރުން އިމްތިޙާނު ހަދަން ތިބި ހޯލަކީ އަޑުގަދަ ހިސާބެއްގައި ހުރިތަނަކަށްވެފައި، އެއަޑުތަކުގެ ސަބަބުން އެދަރިވަރުންނަށް އުދަގޫތަކެއް ކުރިމަތިވެ ސަމާލުކަން ގެއްލުން

·        އިމްތިޙާނު ހަދަން ތިބި ތަނުގެ ފިނިހޫނު މިންވަރުގެ ސަބަބުން ދަރިވަރުންނަށް ނުތަނަވަސްކަމާއި ކުރިމަތިވުން

·        އިމްތިޙާނު އޮތް ދުވަސްވަރު ދަރިވަރަށް ހިތާމަވެރި ހާދިސާއެއް ދިމާވުން

·        ދަރިވަރު އިމްތިޙާނު ހަދަން ދިއައިރު ބަނޑުހައިވެފައި ނުވަތަ ފެންބޮވައިގަނެފައި ހުރުން

·        ރޯގާހުމާއި މައިގްރެއިން ފަދަ ބަލިމަޑު ކަމެއް އެދުވަހު ވަރަށް ބޮޑަށް ދަރިވަރު ތަހައްމަލު ކުރަމުން ދިއުން

·        ފެންވަރުވަޒަންކުރަނީ ހަމައެކަނި ލިޔުމުން ކަމަށްވެފައި ދަރިވަރުގެ އަތުގައި ރިއްސާތީވެ 2 ގަޑިއިރު ތެރޭގައި އިމްތިޙާނު ކަރުދާސް ނުނިމުން (ނަމަވެސް އެސައިންމަންޓެއް ނަމަ އޭނާއަށް ހެދުނީސް)

·        ދަރިވަރުންނަށް ދެވޭ އިމްތިޙާނު ހަމައެކަނި ލިޔުމުން ފެންވަރުވަޒަންކުރާތީވެ (21 ޤަރުނުގައި ފެންވަރުވަޒަންކުރަނީ ޕްރެޒެންޓޭޝަންސް، އަގަބަހުންޖަވާބުދިނުން، ލިޔުމުން، އެސައިންމަންޓް، އަޑުއަހައިގެން، ޕްރެކްޓިކަލްސް/އަމަލީ މަސައްކަތްތައް، ޕޯރޓްފޯލިޔޯ ފަދަ ބާވަތްތަކުން)

·        އިމްތިޙާނު އޮތް ދުވަސްވަރު ދަރިވަރަށް ނިދިހަމައަށް ނުލިބުން

·        ދޭދޭ ދަރިވަރުންގެ މެދުގައި ފުރިހަމަ ނަތީޖާހޯދުމަށް އޮންނަ ވާދަވެރިކަމުގެ ސަބަބުން

·        ބެލެނިވަރުންނާއި މުދައްރިސުން ރަނގަޅު ނަތީޖާހޯދުމަށް ދަރިވަރުންނަށް ކުރާ ޕްރެޝަރގެ ސަބަބުން

·        އިމްތހާނާއި ހެދި ފިކުރުބޮޑުވެ ހާސްވެ ކަންބޮޑުވެފައިހުރުން

މީގެ އިތުރުންވެސް ދަރިވަރުންނަށް ރަނގަޅަށް އިމްތިޙާނެއްގައި ފުރިހަމަ ނަތީޖާއެއް ނުނެރެވިދާނެ ސަބަބުތައް ހުރެދާނެއެވެ! ކޮންމެ ދަރިވަރަކީ ވެސް ތަފާތު ކުއްޖަކަށްވާތީވެ އެންމެ ރަނގަޅުގޮތަކީ އެކި ދަރިވަރުންގެ ނަތީޖާ އަޅާ ނުކިޔުމެވެ. އަދި ދަރިވަރުންގެ ނަތީޖާއަށް ރައްކާތެރިވެ ދަރިވަރުންގެ ނަތީޖާ ފާޅުކަން ބޮޑުގޮތުގައި އެއްވެސް ގޮތަކަށް ހާމަނުކުރުމެވެ. ދަރިވަރުންނަށް މިފަދަ ކަންކަމުން އަސަރުކުރުން މަދުކުރެވެން އޮތީ ޒަމާނީ ތައުލީމުގެ ގޮތްތައް ބޭނުންކޮށްގެން ފެންވްރުބަލައި ވަޒަންކޮށްގެންނެވެ. މިއީ ޤައުމީ މަންހަޖު ތަންފީޒުކުރުމުގައި އެސެސްމަންޓާއި ޕެޑަގޮޖީގައި ބާރު އަޅާ ގޮތްތަކެވެ.

ޤައުމީ މަންހަޖު އެންމެ ފުރިހަމައަށް ތަންފީޒުކުރެވެން އޮތީ ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ކުރިއަށް ގެންދާ ސާނަވީ އިމްތިހާނާއި މަތީ ސާނަވީ އިމްތިހާނުގައި އިސްލާމާއި ދިވެހި މާއްދާގެ އިތުރުންވެސް މަންހަޖުގައި ހިމެނޭ އެހެން މާއްދާތަކަށް ވެސް ޤައުމީ އިމްތިހާނެއް ދެވިގެންނެވެ. ނަމަވެސް މިދެވޭ އިމްތިހާނު ތަކަކީ 21 ވަނަ ޤަރުނުގެ ހުނަރުތައް އެކުލެވިފައިވާ އަމިއްލަވަންތަ އިމްތިހާނުތަކަށް ވާންޖެހެއެވެ. އަދި ދެވޭ އިމްތިހާނުތަކުގައި ޤައުމީ މަންހަޖުގެ ފެންވަރުވަޒަންކުރުމުގައި ކަނޑައަޅާއިފައިވާ އެސެސްމަންޓް ފޯ ލާރނިންގ އާއި އެސެސްމަންޓް އޮފް ލާރނިންގ ގެ ދެބާވަތް ވެސް ހިމެނުން މުހިންމެވެ.


Comments

Popular posts from this blog

ޤައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ ފެންވަރުބަލައި ވަޒަންކުރުން: ދަރިވަރުންގެ ފެންވަރު ބަލައި، ވަޒަންކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލަށް ނަޒަރެއް

ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް

މާނަހުރި ގޮތެއްގައި އުނގެނުމާއި ހިތުދަސްކުރުމުގެ ތަފާތު