މާނަހުރި ގޮތެއްގައި އުނގެނުމާއި ހިތުދަސްކުރުމުގެ ތަފާތު
ލިޔުނީ: ނިޢުމާ މުޙައްމަދު
މާނަހުރިގޮތެއްގައި
އުނގަންނައި ދިނުމަކީ އުނގެނުމާއި އުނގަންނައި ދިނުން ކުރިޔަށްގެންދަން ޤައުމީ
މަންހަޖުގައި ބާރު އަޅާ ގޮތެވެ. މިގޮތުން އުނގަންނައިދޭ ކޮންމެ އެއްޗަކީ
ދަރިވަރުންނާ ގުޅުންހުރިއެއްޗަކަށް ވާން ޖެހެއެވެ. އުނގަންނައިދޭ އެއްޗަކީ
ދަރިވަރުންނަށް ފައިދާހުރި އެއްޗެއް ކަމުގައި ވާންޖެހޭނެއެވެ. މިސާލަކަށް،
ދަރިވަރުންނަށް އެންމެ ފަސޭހަ ކަމާއެކު ދެނެގެނެވޭނީ އެ އުނގަންނައިދޭ އެއްޗަކީ
ދަރިވަރުންނާ ގުޅުންހުރި އެއްޗަކަށްވެ، އެއީ ދިރިއުޅުމަށް ބޭނުންވާ އެއްޗެއްކަމުގެ
އިޙްސާސް ކުދިންނަށް ކުރެވިގެންނެވެ. (ޤައުމީ މަންހަޖު، 2014).
މާނަހުރި
ގޮތެއްގައި އުނގެނުން ކުރިއަށް ގެންދިއުމުން ދަރިވަރުންނަށް މާއްދާގެ “ކޮންސެޕްޓްތައް”
ވަރަށް ރަނގަޅަށް އޮޅުން ފިލައެވެ. އަދި ފިލާވަޅުތައް ވަރަށް ފުންކޮށް އުނގެނުމަށް
(ޑީޕް ލާރނިންގ) ފުރުސަތު ލިބި ހަނދާނުގައި ދިގު މުއްދަތަކަށް (ލޯންގ ޓާރމް
މެމޮރީގައި) އުނގެނޭ އެއްޗެހި ހަރުލައެވެ. މި ބާވަތުގެ އުނގެނުން ހިމެނެނީ
“އެކްޓިވް ލާރނިންގ” ނުވަތަ ހަރަކާތްތެރިކޮށް އުނގެނުމުގެ ތެރޭގައެވެ. އަދި
ދަރިވަރުން އުނގެނެމުން ދާނީ ތަޖުރިބާ އާއި އަމަލީ މަސައްކަތުގެ ތެރެއިންނެވެ.
ނުވަތަ ކުރިއަށް ދާނީ އުނގެނުމުގެ ތެރޭގައި އެ މައުލޫމާތެއް ވަރަށް ބޮޑަށް
ދޭހަވެގެންނެވެ. މިފަދަ ކުލާހެއްގައި ދަރިވަރުން އުޅޭނީ މަސައްކަތުގައި
ބައިވެރިގެން އުނގެނުމަށް ޝައުޤު ވެރިވެގެންނެވެ. ހަމަ އެއާއެކު ކުރިން
ދަސްކުރެވިފައިވާ މައުލޫމާތާއި މިހާރު ދަސްކުރަމުންދާ މައުލޫމާތު ދަރިވަރުންނަށް
ގުޅުވައިލަން ވެސް ފަސޭހަ ވެގެންދެއެވެ. ވީމާ ދަރިވަރުންނަށް މާނަހުރި ގޮތެއްގައި
އުނގެނުން މުދައްރިސުންނަށް ކުރިއަށް ގެންދެވިޖެނަމަ އެ ދަސްކުރާ މައުލޫމާތެއް
އެކުދިން އަމިއްލަ ދިރިއުޅުމުގައި ބޭނުން ކުރާނެއެވެ.
މާނަހުރި
ގޮތެއްގައި އުނގެނުމުގެ އިދިކޮޅަކީ “ރޯޓް ލާރނިން”އެވެ. އެއީ މައުލޫމާތު ތަކެއް
ހިތު ދަސްކުރުމަށް ބާރު އެޅުމެވެ. އާއްމު ގޮތެއްގައި މިބާވަތުގެ އުނގެނުން ބޭނުން
ކުރަނީ ވަރަށް އަވަސް ގޮތަކަށް ދަރިވަރުން އިމްތިހާނަކަށް ތައްޔާރުކުރުމުގެ
ގޮތުންނެވެ. ބޭނުމަކީ އެކުދިން ލައްވާ އެއްފަހަރާ ވަރަށް ގިނަ މައުލޫމާތު ހިތު
ދަސްކުރުވައިގެން އިމްތިހާނުގެ ނަތީޖާ ރަނގަޅު ކުރުވުމެވެ. މިބާވަތުގެ އުނގެނުމަކީ
“ބުލޫމްސް ޓެކްސޮނޮމީ”ގެ ހައިރާކީ ލެވެލް ތަކުން ބަލާނަމަ “ނޮލެޖް” ލެވެލް އެވެ. އެއީ
އޭގައި ހިމެނޭ 6 ލެވެލްގެ ތެރެއިން އެންމެ ދަށް ލެވެލްއެވެ.
“ރޯޓް ލާރނިންގ” ބޭނުންކޮށްގެން އުނގަންނައި ދިނުން
ކުރިއަށް ގެންދިއުމުން ފިލާވަޅުތަކުގެ ބައެއް “ކޮންސެޕްޓް” ތަކުގެ މާނަ ދޭހަ ނުވެ
އޮޅޭގޮތް ވެއެވެ. “ރޯޓް ލާރނިންގ” އަކީ އުނގެނޭ އެއްޗެއް ވަރަށް ތިލަކޮށް
އުނގެނުމޭ ވެސް ބުނެވިދާނެއެވެ. މިބާވަތުގެ އުނގެނުން ފުންކޮށް އުނގެނުމަށް (ޑީޕް
ލާރނިންގ) ބާރު ނާޅައެވެ. މިސާލަކަށް، މިގޮތަށް ދަސްކުރާ މައުލޫމާތު ހަނދާނުގައި
ހަރުލަނީ “ޝޯރޓް ޓާރމް މެމޮރީ” ގައި ވަރަށް ކުޑަ ވަގުތު ކޮޅަކަށެވެ. މިހެން
އުނގެނުން ބަށްޓަން ކުރުމުން ދަރިވަރުންގެ އިޖްތިމާއީ ހުނަރުތަކަށް ހީނަރުކަން
ލިބެއެވެ. އަދި މިބާވަތުގެ އުނގެނުމަށް ބާރުއެޅުވުމުގެ ސަބަބުން ދަރިވަރުންނަށް
ނަފްސާނީގޮތުންނާއި އަދި ޖަޒްބާތީގޮތުން ނޭދެވޭ އަސަރު ކުރެއެވެ. ހަމަ އެފަދައިން
ދިގުމުއްދަތަކަށް (ލޯންގ ޓާރމް އަށް) ބަލާނަމަ މިބާވަތުގެ އުނގެނުމުން
ދަރިވަރުންނަށް ގިނަ ފަހަރަށް އެހާ ފައިދާއެއް ނުކުރެއެވެ. މިސާލަކަށް،
ސްކޫލުތަކުގައި ކުރިއަށްދާ މާއްދާގެ ކުއިޒްތައް ހިތު ދަސްކުރުވުން، ޑިކްޓޭޝަންގެ ބަސްތައް
ހިތު ދަސްކުރުވުން، ވޮކެބިޔުލަރީ ލިސްޓާއި އޭގެ މާނަތައް ހިތު ދަސްކުރުވުން
ހިމެނެނީ “ރޯޓް ލާރނިންގެ” ތެރޭގައެވެ.
އުނގެނުމުގެ
ތެރޭގައި ހިތު ދަސްކުރާ އެއްޗެހި ބައެއް މާއްދާތަކުގައި މިވަނީ ހިމެނިފައެވެ.
މިގޮތުން އިސްލާމް މާއްދާ އާއި ޤުރުއާން މާއްދާގެ ތެރޭގައި ހިތު ދަސްކުރުމުގެ
ބައިތައް ވެއެވެ. ނަމަވެސް މިފަދައިން ހިތު ދަސްކުރާ ބޭނުން
ތެރި މައުލޫމާތުތައް ގިނަދުވަހަށް ހަނދާނުގައި (ލޯންގޓާރމް މެމޮރީ) ހަރުލާނީ ދަރިވަރުން
ދަސްކުރި މައުލޫމާތުތައް އަމިއްލަ ދިރި އުޅުމުގައި ތަކުރާރުކޮށް ބޭނުން ކުރީމައެވެ.
މި މާއްދާތަކުގެ މައުލޫމާތުތައް މިގޮތަށް ދަސްކޮށް ދިނުމުގައި މުދައްރިސުން
ވިސްނަންވީ އެ ދަސްކުރާ އެއްޗެއްގެ މާނަ ދަރިވަރުންނަށް ރަނގަޅަށް ދޭހަކޮށްދެމުން
އުނގަންނައި ދިނުމެވެ. އެދަސްކުރެވެނީ ކޯޗެއްކަން ދަރިވަރުންނަށް ރަނގަޅަށް އޮޅުން
ފިލުވައި ދޭންވާނެވެ. އަދި އަމިއްލަ ދިރިއުޅުމުގައި އެ ދަސްކުރި މައުލޫމާތެއް
ކޮންމެ ދުވަހަކު ބޭނުން ކުރުމަށް ބާރު އަޅުވަން ވާނެއެވެ. މިސާލަކަށް، ދީނުގައި
އަންގަވާފައިވާ ބައެއް ކަންތައްތަކަކީ ހިތު ދަސްކޮށްގެން ދިގު މުއްދަތަކަށް ނުވަތަ
މުޅި އުމުރަށް ހަނދާނުގައި ހުންނަން ލާޒިމު ދީނީ ކަންތައްތަކެވެ. މީގެ
ތެރޭގައި ނަމާދުގައި ކިޔާ ދުޢާތަކާއި ނަމާދުގައި ކިޔާ ސޫރަތްތައް ހިމެނެއެވެ. މިއީ
ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމުގެ ގޮތުން މުދައްރިސުންނާއި ބެލެނިވެރިން
ގުޅިގެން ކުރިއަށް ގެންދަން ޖެހޭ ވަރަށް މުހިންމު ބައެކެވެ.
“ރޯޓް ލާރނިނގެ” ބަދަލުގައި ޤައުމީ މަންހަޖު ބާރު އަޅަނީ
މާނަހުރި ގޮތެއްގައި އުނގެނުން ކުރިއަށް ގެންދާށެވެ. މި މަންހަޖަކީ 21 ޤަރުނުގެ
ދަރިވަރުންނަށް އުނގެނުން ކުރިއަށް ގެންދިއުމަށް ބަށްޓަންކޮށްފައިވާ މިޤައުމުގެ
ތައުލީމީ ސިޔާސަތެކެވެ. މިއީ ވަރަށް ފުރިހަމަ ނަމޫނާ މަންހަޖެކެވެ.

Comments
Post a Comment