ސްޓޫޑެންޓްސް ލީޑަރސް ހޮވުމުގައި ޤައުމީ މަންހަޖަށް ރިއާއަތްކުރުން
ލިޔުނީ: ނިޢުމާ މުޙައްމަދު
ދިރިއުޅުމުގެ
ހުނަރުތައް ނުވަތަ "ލައިފް ސްކިލްސް" އަކީ ކޮންމެ އިންސާނެއްގެވެސް އާއްމު ދިރިއުޅުމުގައި އާންމުކޮށް
ބޭނުންވާނޭ ހުނަރުތަކެވެ. މިއީ ކޮންމެ މީހަކަށްވެސް ހަރުދަނާ ދިރިއުޅުމަކަށް
ބޭނުންވާނޭ ވަރަށް މުހިންމު ހުނަރުތަކެކެވެ. މިފަދަ ބައެއް ހުނަރުތަކަކީ
އެހުނަރުތަކާނުލައި ދުނިޔޭގައި ދިރިއުޅެން އުނދަގޫ ހުނަރުތަކަކެވެ. ވީމާ
ސްކޫލްގައާއި ގޭގައިވެސް ދަރިވަރުންގެ ދިރިއުޅުމަށް އެހީތެރިކަން ފޯރުކޮށްދޭ
ހުނަރުތައް ކުރިއަރުވަން މަސައްކަތްކުރަންވާނެއެވެ.
މިހުނަރުތަކުގެ ތެރޭގައި އުފެއްދުންތެރިކަން، ވިސްނުންތެރިކަން، ދިމާވާ މައްސަލަތައް ހައްލުކުރުން، ކަންކަމަށް
އިސްނެގުން، މީހުންނާއި ގުޅިގެން އުޅުން، މީހުންނާއި މުއާމަލާތްކުރަން އެނގުން، ހިއްސާކުރާ އަގުތައް (އަމިއްލަ ނަފްސު،
އާއިލާއާއި ފަރުދުންނާއި ގުޅޭއަގުތައް، މުޖުތަމައާއި ގުޅޭއަގުތައް) އަދި
ޒިންމާދާރުވުން ވެސް ހިމެނެއެވެ. މިހުނަރުތަކަކީ އެއާނުލައި ދުނިޔޭގައި ދިރިއުޅެން އުޅެން އެހާ ފަސޭހަ ހުނަރުތަކެއް ނޫނެވެ. އަދި އޭގެ އިތުރުންވެސް
ދުނިޔޭގައި ދިރިއުޅުން ތިމާއަށް ފަސޭހަކޮށްދޭ ކޮންމެ ހުނަރަކީ ދިރިއުޅުމުގެ
ހުނަރެކެވެ. މިސާލަކަށް ތުއްތުކުދިން އަމިއްލައަށް ނާޑުވާއެއްސުން، ފެތުން،
ކެއްކުން، އެއްޗެހިދޮވުން، އެއްޗެހި ހިއްކަންއެޅުން، އެއްޗެހި ފަތްޖެހުން،
އިސްތިރިކުރުން، ކާންހެދުން، ތަންތަންފޮޅާސާފުކުރުން، ފެހުން، މާޖެހުން، ބަދިގޭގެ
ސާމާނުބޭނުންކުރަން އެނގުން، ކޮންޕިއުޓަރ ހުނަރު، ކަންކަމުން ސަލާމާތްވާން
އެނގުމާއި، ރައްކާތެރިވާނެގޮތްތައް އެނގުން އަދި މިނޫނަސް އެތައްކަމެއް ވެއެވެ.
އިސްވެދިޔަ ހުނަރުތަކަކީ ސްކޫލް ދަރިވަރުންވެސް ސްކޫލްނިމި ވަޒީފާގެ
މައިދާނުގައާއި މުޖުތަމައުގެ ތެރެޔަށް ނިކުމެ މީހުންނާއި އެކީ އުޅެން ބޭނުންވާ
ޒަރޫރީ ހުނަރުތަކަކެވެ. ދިވެހި ރާއްޖޭގެ ޤައުމީ މަންހަޖުގައި މިހުނަރުތައް ވަރަށް
ރަނަގަޅަށް ހިމެނިފައިވެއެވެ. ޤައުމީ މަންހަޖުގެ ތަސައްވުރަކީ ދިރިއުޅުމަށް
ތައްޔާރުކުރުމެވެ. މި މަންހަޖަކީ 21 ޤަރުނަށް ތައްޔާރުކުރެވިފައިވާ ވަރަށް
ފުރިހަމަ ނަމޫނާ މަންހަޖެކެވެ. މިމަންހަޖުގެ އަމާޒަކީ ސްކޫލްނިމޭއިރުގައި
ދަރިވަރުންނަކީ އިސްލާމީ އަޤީދާ ވަރުގަދަ، އަމިއްލަވަންތަކަމާއި،
ދިވެހިޤައުމިއްޔަތު ދަމަހައްޓާ، ޤާބިލު އަދި އަމިއްލަ ނަފްސަށްއިތުބާރުކުރާ
ފަރުދަކަށް ހެދުމެވެ. އަދިހަމައެފަދައިން އުނގެނުމާއި ހޯދާބެލުމަށް ޝައުޤުވެރިވާ،
ކާމިޔާބު ފަރުދަކަށް ހެދުމެވެ. މީގެއިތުރުން ތިމާގެ އާއިލާއާއި މުޖުތަމައާއި
ބަނަވަމުންދާ ދުނިޔޭގައި ހިއްސާ އަދާކުރާ، އުފެއްދުންތެރި އަދި ޒިންމާދާރު
ފަރުދަކަށް ހެދުމެވެ. ވީމާ ސްކޫލުން ކަނަޑައަޅާ އުސޫލުތަކާއި ހިމެނޭ އިތުރު
ހަރަކާތްތަކާއި ހިންގޭ ޕްރޮގްރާމުތައް ހިންގުމުގައިވެސް ޤައުމީ މަންހަޖަށް
އިސްކަމެއް ދޭންޖެހެއެވެ (ދިވެހިރާއްޖޭގެ މަދުރަސީ ތައުލީމުގެ ގައުމީ މަންހަޖު،
2014).
މިގޮތުން ސްޓޫޑަންޓް ލީޑަރސް ހޮވުމުގައި ޤައުމީ މަންހަޖުގައި ހިމެނޭ
ކަންތައްތަކަށް ރިއާއަތްކޮށް ހޮވުމަކީ މަންހަޖު ތަންފީޒްކުރުމަށް ލިބޭ ވަރަށްބޮޑު
ބާރަކަށް ވެގެންދާނެއެވެ. ޤައުމީ މަންހަޖަށް ބަލާލިކަމުގައިވިއަސް ސްޓޫޑެންޓް
ލީޑަރސްގެ ކިބައިގައި ހުންނަށް ޖެހޭ ސިފަތަކާއި އެދަރިވަރުންގެ އަމަލުތައް
ހުންނަންވީގޮތް މިވަނީ ވަރަށް ސާފުކޮށް ކިޔައިދީފައެވެ. މިގޮތުން ޤައުމީ
މަންހަޖުގައިވަނީ ސްކޫލްދައުރު ނިމޭއިރު ދަރިވަރެއްގެ ކިބައިގައި ހުންނަންޖެހޭ 3
ދާއިރާ ތަފްސީލްކޮށްދީފައެވެ. އެއީ، އަގުތަކާއި ސިފަ، ހުނަރާއި އަދި މައުލޫމާތާއި
ދެނެގަތުމެވެ. އަދި ގައުމީ މަންހަޖުގައި ކުދިންގެ ކިބައިގައި އަށަގަންނުވަންޖެހޭ 8
ގާބިލިއްޔަތު ވަރަށް ތަފްސީލްކޮށް ކިޔައިދީފައިވެއެވެ.
ވީމާ ސްކޫލްތަކުގެ ސްޓޫޑެންޓް ލީޑަރސް ހޮވުމުގައި ޤައުމީ މަންހަޖުގެ ތަފާތު
ބައިތަކަށް ވިސްނައިގެން ސްކޫލްތަކުގެ ސްޓޫޑެންޓް ލީޑަރސް ހޮވުމުގެ ސިޔާސަތު
އެކުލަވާލަންޖެހެއެވެ. ސްޓޫޑެންޓް ލީޑަރސް ހޮވުމުގައި ‘ލައިފްސްކިލްސް’ އާއި
މައިގަޑު ޤާބިލިއްޔަތާއި އަދި ޤައުމީ މަންހަޖުގައިމިވާ ހުނަރުތަކާއި ސިފަތަށް
ކުރިއަރާނޭ ފަދަގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު
ކަމެކެވެ. ހާއްސަކޮށް ސްޓޫޑެންޓް ލީޑަރސްއަށް ހޮވޭ ދަރިވަރުން ވާންޖެހެނީ އެހެން
ދަރިވަރުންނަށް ނަމޫނާދައްކާ ދަރިވަރުންނަށެވެ. ސްކޫލްގައި މުދައްރިސުން
ހަވާލުކުރާ މަސައްކަތްތައް ބަރާބަރަށް ނިންމާ ކުލާހުގެ އެހެންދަރިވަރުންނަށްވެސް
ތަފާތުކަންކަމުގައި އެހީތެރިވާ ނުވަތަ އެހީތެރިވާން ތައްޔާރަށްތިބޭ
ދަރިވަރުންތަކަކަށެވެ. މިދަރިވަރުންނަކީ މީހުންނަށް އޯގާތެރި ހެޔޮލަފާ
އެހެންމީހުންގެ އިހްސާސްތަކަށް އިހްތިރާމްކުރާ ދަރިވަރުންނެވެ. ސްޓޫޑެންޓް
ލީޑަރސްއަކީ ހިތްވަރުގަދަ ޒިންމާދާރު ކުދިބައެކެވެ. އަދި މިދަރިވަރުންވާންޖެހެނީ
އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އެހެންމީހުންގެ ރުހުމާއި އިތުބާރުލިބޭ
ބައަކަށެވެ. އަމިއްލައަށް އަމިއްލަކަންކަން ގޭގައި އާއި ސްކޫލްގައިވެސް ކުރާ
ކުދިބައަކަށެވެ. ޖުލުލަގޮތެއްގައި ސްޑޫޑެންޓް ލީޑާރސް އަކީ އިލްމީ ގޮތުން ޤާބިލް
އަދި ހުނަރުވެރި ކުދިބައެކެވެ.
ސްޓޫޑެންޓް ލީޑަރސް މިގޮތަށް ހޮވުމަށް ހިމެނިދާނެ ބައެއް ކަންކަމުގެ
މިސާލުތައް
- ފަތަންއެނގުން
- ފަސްޓް
އެއިޑްއެނގުން
- އާދައިގެ
ކާނާއެއް ތައްޔާރުކުރަން އެނގުން
- އަންނައުނު
ދޮވެ އިސްތިރިކުރަން އެނގުން
- ދިވެހި/
އިނގިރޭސިބަހުން ޑިޖިޓަލް ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށް ހުށަހަޅައިދޭން
އެނގުން
- ނަމާދުގައި ކިޔާއެއްޗެހިދަސްވެ
އެކަނި ނަމާދުކޮށްލަން އެނގުން
- ސްކޫލްނިމޭއިރު
ޚަތިމްކޮށްފައިވާ އަދި ޚަތިމްގެ ކޮންމެ ސަފްހާއެއްވެސް ފަރިތަކޮށް ކިޔައިލަން
އެނގޭ ދަރިވަރަކަށްވުން
- އިންޓަރވިޔު
ޕެނެލްއަކާއި ކުރިމަތިލައި އިންޓަރވިޔުއެއްގައި ކާމިޔާބުކަމާއެކެ
ބައިވެރިވުން (ކުރާ ސުވާލުތަކަށް ކެރިގެން ވިސްނުންތެރިކަމާއެކު
ޖަވާބުދިނުން)
- ލީޑަރައަކަށްވާން
އަމިއްލައަށް ބޭނުންވެގެން ސްކޫލުން ހުށަހަޅާ އެޕްލިކޭޝަން ފޯރމުގައިވާ
މައުލޫމާތު ފުރައިގެން އަމިއްލައަށް މިކަމަށް ކުރިމަތިލުން
- ސްކޫލްގައި
ވޯޓްލައިގެން ހޮވޭ ޕޯސްޓެއްނަމަ އަމިއްލައަށް ކެމްޕޭނުކޮށް އަދި
ކެމްޕޭނުކުރުމުގެ ރިވެތިއާދަކާދަތައްވެސް އެނގުން
- ކުލާހުގައި
އުޅޭއުޅުމުގައާއި ގޭތެރޭގައިވެސް ޒިންމާދާރުވެ އަމިއްލަ ޒިންމާ ނަގާ
ދަރިވަރަކަށްވުން
- މީހުންނާއިގުޅިގެން
އުޅެން އެނގި ރީތިކޮށް މުއާމަލާތްކުރުން
- އީމެއިލް
އެއް ލިޔެ އީމެއިލްކުރުމުގެ ހުނަރު ލިބިފައިވުން
Comments
Post a Comment