ދިވެހިބަސް: އަޅުގަނޑުމެންގެ މާދަރީ ބަސް ކުރިއެރުވުމުގެ މުހިންމުކަން
ލިޔުނީ: ނިޢުމާ މުޙައްމަދު
މާދަރީ
ބަސް ފުރިހަމައަށް އުނގެނުމަކީ އިންސާނާގެ ވިސްނުން ކުރިއަރައިގެން ދިއުމަށް ބޭނުންވާ
ވަރަށް މުހިންމު ޤާބިލިއްޔަތެކެވެ. އެއީ އިންސާނާގެ ވިސްނުމާއި ފިކުރާއި
އުނގެނުމާއި މުއާސަލާތް ކުރުމުގެ ވަރަށް މުހިންމު އަސާސެކެވެ.
މިސާލަކަށް، އިންސާނެއްގެ
ސިކުނޑި ވެސް ފުރިހަމައަށް މަސައްކަތްކޮށް ވިސްނުން ފުޅާ ވަނީ މާދަރީ ބަހުން
ވިސްނަން ދަސް ވުމުންނެވެ. ދަރިވަރުންގެ ބަސްމޮށުންތެރިކަން ކުރިއަރުވައި
ތަރައްޤީކުރަން މާދަރީބަސް ވަރަށް މުހިންމެވެ. ސްކޫލުގައި އުނގެނޭ ބައިތައް
ރަނގަޅަށް ފަހުމުވާން މާދަރީ ބަސް ރަނަގަޅަށް އެނގެންޖެހެއެވެ. މާދަރީ ބަސް އެނގުމުން އުނގެނުން
ވަރަށް އަވަހަށް ކުރިއަރައިގެން ދާނެއެވެ. އިނގިރޭސި މީޑިއަމްއިން ކިޔެވިއަސް ދަރިވަރުން
އުނގެނުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަކީ ދިވެހި ބަހެވެ (ޤައުމީ މަންހަޖުގައި
ދިވެހި ، ގްރޭޑް 1 - 3 ، 2014).
ބަހަކީ އިންސާނަކަށްވީތީ
ލިބޭ ޤުދުރަތީ ރީތި ސިފައެކެވެ. އަދި އޭނާއަކީ ކާކު ކަން އަންގައިދޭ އެއް ވަސީލަތެވެ. އަމިއްލަ ސަގާފަތުގެ މުހިންމު ބިންގަލެކެވެ. އަޅުގަންޑުމެންގެ
އަމިއްލަ ވަންތަކަން އަންގައިދޭ ވަރަށް ބޮޑު ވަސީލަތެކެވެ. މުޖުތަމައުގައި ތަފާތު ހާލަތް ތަކުގައި ބަސް
ބޭނުން ކޮށްގެން ދަރިވަރުން ބަހާ ބެހޭގޮތުން
އުނގެނެމުން ދެއެވެ. ލަފުޒުތަކާއި ޖުމުލަތަކާއި އަޑަށް ގެންނަ ބަދަލުތަކާއި ހަރަކާތްތަކާއި
އިޝާރާތްތަކުން އެ ކުދީންގެ ބަހުގެ
ޤާބިލުކަން އިތުރު ކުރިއަރަމުން އުނގެނެމުން ގެންދެއެވެ. އެހެން މީހުންނާ މުއާމަލާތު
ކުރުމުގެ ތެރެއިން ބަސް ބޭނުންކުރުމުގެ
އިތުބާރު
ހޯދައި ތަފާތު ހުނަރުތައް ލިބިގެންވާ ވިސްނުންތެރިންނަށް ވެއެވެ (ޤައުމީ
މަންހަޖުގައި ދިވެހި،ގްރޭޑް 1 - 3 ، 2014).
މާދަރީ
ބަހުގެ ސަބަބުން ނަފްސާނީ، އިޖުތިމާއީ . ޖަޒުބާތީ، ސުލޫކީ، އަދި އަޚްލާޤީ ގޮތުން
ދިމާވާ ކަންތައް ތަރައްގީވާން އެހީތެރިކަން ލިބެއެވެ. މިގޮތުން މާދަރީ ބަހުގެ
ސަބަބުން ކުދިންގެ ކުރިއެރުން ޖުމުލަ ގޮތެއްގައި ހުރިހާ ކަމެއްވެސް ތަރއްޤީވެ
ކުރިއަރައިގެން ދިއުމަށް ބާރަކަށް ވެއެވެ. ބެލެނެވެރިންނަށް ގޭތެރޭގައި އާއި
މުޖުތަމައުގެ ތެރެއިންވެސް މާދަރީބަސް ކުރިއެރުވުމަށް ވަރަށް ގިނަ ކަންތައްތަކެއް
ކުރެވިދާނެއެވެ. ހާއްސަކޮށް ހަތަރު ހުނަރު ކުރިއެރުވުމަށެވެ. އެއީ އަޑުއެހުމާއި،
ވާހަކަ ދެއްކުމާއި، އަދި ކިޔުމާއި ލިޔުމެވެ.
މާދަރީ
ބަސް ބޭނުންކުރުމުގައި ވިސްނަންވީ ދެބަސް މަސްހުނިކޮށް ކުރިއަށް ނުގެންދިއުމަށެވެ.
މިސާލަކަށް ދަރިންނާއި ވާހަކަދެއްކުމުގައި އެދައްކާ އެއްބަހަކުން ފުރިހަމައަށް
ވާހަކަދައްކަން ވާނެއެވެ. ދެ ބަހެއް ގޭގައި ބޭނުން ކުރާނަމަ ކޮންމެވެސް
އެއްބެލެނިވެރިއެއް އަބަދުވެސް އެދައްކަން ބޭނުންވާ ކޮންމެވެސް އެއްބަހެއް
އަބަދުވެސް ބޭނުން ކުރެވިދާނެއެވެ. އަނެއް ބެލެނިވެރިޔާ އަނެއްބަހުން އަބަދުވެސް
ވާހަކަ ދައްކާނީއެވެ. ނަމަވެސް އަބަދުވެސް ވިސްނަންވީ މާދަރީ ބަހަކީ ކުދިންނަށް
ލިބިގެންދާ ވަރަށް މުހިންމު އެހާމެވެސް ބޭނުންތެރި ބަހާއެއްކަމެވެ. އެއީ
އެކުދިންނަށް ލިބެންޖެހޭ ހައްޤެކެވެ.
މިގޮތުން މިބަލައިލަނީ ބެލެނިވެރިންނަށް ލިޔުންތެރިކަން
ކުރިއަރުވަން ކުރެވިދާނެ ކަމަކަށެވެ.
މިއީ ކޮންމެ ބެލެނިވެރިއަކަށްވެސް ކުރެވިދާނެ ކަމެކެވެ. ބޭނުންވާނީ ތަންކޮޅެއް ދިގުކޮށް ހުންނަ މޮނީޓަރު ފޮތެކެވެ.
މިފަދަ ފޮތްތަކަށް 'ލޮގްފޮތް' ވެސް ކިޔައެވެ. މި ހަރަކާތަކީ އިމްލާ ލިޔެގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ހަދާނެ ގޮތަކީ ދަރިފުޅު ލައްވައި ފޮތް ރީތިކުރުމަށް ފަހު ކޮންމެ ދުވަހަކުވެސް ލިޔުއްވާނީއެވެ. މިސާލަކަށް: ދިވެހި ވާހަކަ ފޮތަކުން ނުވަތަ މައުލޫމާތު ފޮތަކުން މަންމަ ނުވަތަ ބައްޕަ ކިޔަމުންދާ ވަރަކުން ދަރިފުޅު ޖެހޭނީ އަޑުއަހައިގެން ލިޔާށެވެ. މިގޮތަށް މިފޮތުގެ
ކޮންމެ ދުވަހަކުވެސް
ލިޔެނިމުމުން ކުދިން ކައިރީގައި ލިޔުނު ޕެރެގްރާފް އަމިއްލައަށް ކިޔުމަށްފަހު ދޭހަވާ އެއްޗެއް
ކުރަހައިފައި ކުލަޖައްސަން ބުނާށެވެ. އޭރުން އިތުރަށް މިމަސައްކަތްކުރަން ދަރިފުޅު ޝައުޤު ވެރިވާނެއެވެ.
މިފޮތް ރީތިކޮށް ގެންގުޅެން ނަސޭހަތްތެރި ވާށެވެ. އެއާއެކު ފިލާވަޅުތައް ނިމެމުންދާ ވަރަކުން
ދަރިފުޅާއެކު މިފޮތުގައި އޭނާ ކުރަމުންދާ
މަސައްކަތުގެ ވާހަކަ ދައްކައި
ހިތްވަރު ދޭށެވެ. ހަދާ މަސައްކަތްތަކުގެ އަގު ވަޒަން ކުރަންވާއެވެ.
ކޮންމެ ދުވަހެއްގެ ތާރީހު ޖެހުމަށް ހަނދާން ކުރަންވާއެވެ.
މިފޮތަކީ ދަރިފުޅު ބޮޑުވެގެން ހަނދާނަކަށް ބާއްވަންވެސް ރަނގަޅު ފޮތެކެވެ.
މިހަރަކާތުން ކުރިއަރާނެ ކަންތައްތައް
·
އަޑުއެހުން
·
ކުރެހުން
§
އާއިލީ ގުޅުން ބަދަހިވުން
§
ދޭހަވުން
§
އަތުލިޔުން
§
ލިޔުންތެރިކަން
§
އުފެއްދުންތެރިކަން
§
ކަންކަމަށްދޭސަމާލުކަން
§
މުއާމަލާތްކުރުން
§
މައުލޫމާތު މުއްސަނދިވުން
Comments
Post a Comment