ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުދިންނާއެކު ކުރެވިދާނެ ބައެއް ކަންތައްތައް
ލިޔުނީ: ނިޢުމާ މުޙައްމަދު
ޗުއްޓީއަކީ ދިގު
އިންތިޒާރަކަށްފަހު އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކެކެވެ. މިއީ
އާއިލާއާއި އެކުވެރިންނާއެކު މަޖާކޮށް ވަގުތު ހޭދަކޮށް ދިރިއުޅޭ ރަށްނޫން އެހެން
ރަށަކަށް ގޮސްލަން ލިބޭ ދުވަސްތަކެކެވެ. ނަމަވެސް ދަރިވަރުންގެ ޗުއްޓީ
ހެޔޮގޮތުގައި ހިފުމަށް ބާރުއެޅުމަކީ އެންމެހާ މައިންބަފައިންގެ އަޒުމަކަށް ހަދަން
ވާނެއެވެ. މިހެން މި ލިބޭ ހުސް ދުވަސްތަކުގައި ކުދިންގެ ނަފްސް ތަފާތުގޮތްގޮތަށް
ތަރައްގީކުރުމަށް ފުރުސަތު ހޯދައި ކުދިންގެ އެކިއެކި ހުނަރުތައް ކުރިއަރުވަން
ބެލެނިވެރިން މަސައްކަތް ކުރަންވާނެއެވެ. މިގޮތަށް ކަންތައްތައް ރާވައިގެން ކުރިއަށް ގެންދިއުމަކީ
ވަރަށް މުހިންމުކަމެކެވެ. މިގޮތުން ސްކޫލް ޗުއްޓީ އައުމުން ކުދިންގެ ޖިސްމާނީ، ނަފްސާނީ،
ރޫހާނީ އަދި އާއިލީގުޅުން ބަދަހިކުރަން ވިސްނައިގެން ގޭގައި ފައިދާހުރި
ކަންތައްތަކެއް ރާވައިގެން ކުރިއަށް ގެންދެވިދާނެއެވެ. އަދި ކުދިންނަށް މިފަދަ
ފުރުސަތުތައް ހޯދައިދިނުމަށް ބެލެނިވެރިންނަށް މަސައްކަތްވެސް ކުރެވިދާނެއެވެ.
މިދުވަސްތަކަކީ
އާއިލާއެކުގައި ދީނީކަންތައްތައް ކޮށްލުމަށް ވަގުތުލިބިގެންދާ ވަރަށް ފުރިހަމަ
ދުވަސްތަކެކެވެ. އެހެންނޫނީ އަބަދު މިއުޅެވެނީ ދިރިއުޅުމުގެ އެކިކަންކަމާއި
މަޝްއޫލުވެގެންނެވެ. މިގޮތަށް އުޅޭއިރު މުޅިއާއިލާއެކުގައި އަޅުކަންކޮށް،
ނަމާދުކޮށް، ޤުރުއާންކިޔަވާލަން ފުރުސަތުލިބެނީ ވަރަށް މަދުންނެވެ. ވީމާ
ޗުއްޓީގައި ހާއްސަކަމެއްދީގެން ކުދިންނަށް ނަމާދުކުރަން ނޭގޭނަމަ ނަމާދުކުރަން
ދަސްކޮށްވެސް ދެވިދާނެއެވެ. ގޭތެރޭގައި މިކުދިން ވަގުތު ހޭދަކުރަމުންދާއިރު
އެކުދިންނަށް މައިންބަފައިން އަޅުކަންތައްތައް ކޮށްއުޅޭގޮތް އަމަލީގޮތުން
ދައްކައިދީ ދީނުގެކަންތައްތައް ދެމެހެއްޓުމަށް ނަސޭހަތްތެރިވެވިދާނެއެވެ. ނުވަތަ
ދީނީ ވާހަކަތައް ކިޔައިދީ އެކުދިން ލައްވާ އެކަންތައްތައްކުރުވުމަށް
އާދަކުރުވިދާނެއެވެ. މިސާލަކަށް، އާއިލާއެކުގައި ޤުރުއާން ކިޔަވަން ސަމާލުކަންދީ
ކިޔަވާނެ ވަކިގަޑިއެއްވެސް ކަޑައެޅިދާނެއެވެ. އެކުދިން ކުރަން ބޭނުންވާ ދީނީ
ސުވާލުތަކަށް ޖަވާބުދީ ދީނީ ކަންތައްތައް އޮޅުން ފިލުވައިދެވިދާނެއެވެ.
މިގޮތުން
ޖިސްމާނީ ތަރައްގީ ކުރިއެރުވުމަށް މިވަގުތުގެ ބޭނުން ހިފިދާނެއެވެ. މިކަމަކީ ކުދިންނަށް
ސިއްހީގޮތުންވެސް ވަރަށް ގިނަގުނަ ފައިދާކުރާނެ ކަމެކެވެ. ޖިސްމާނީގޮތުން
ކުރިއަރާއިރު ނަފްސާނީގޮތުންވެސް ކުދިންނަށް ފައިދާކުރެއެވެ. ޖިސްމާނީ ތަރައްގީ
ކުރިއަރުވަން ވަރަށް މަޖާކަންތައްތައްވެސް ކުދިންނާއެކު ކުރެވިދާނެއެވެ. މިގޮތުން
އެކުދިން ގޮވައިގެން ފަތަންދިއުމަކީ ސިއްހީއެތައް ފައިދާތަކެއް ކުރާނެ ކަމެކެވެ.
އަދި ފަތަން ނޭންގޭނަމަ ޗުއްޓީތެރޭގައި ދަރިންނަށް ފަތަން ދަސްކޮށްދެވިދާނެއެވެ.
ފަތަން ދިއުމުން ގިނަމީހުންނާއި ދިމާވެ އިތުރު ރަހުމަތްތެރިންވެސް ލިބިދާނެއެވެ.
ދަރިން މީހުންނާއި ގުޅިގެން އެކުވެރިކާމާއެކު އުޅެން އެނގިގެންދާނެއެވެ. މިގޮތުން
މިބާވަތުގެ ހަރަކާތްތަކުން ޓީމެއްގޮތުގައި އުޅެން ފުރުސަތު ލިބި ޓީމެއް ގޮތުގައި
ގުޅިގެން އުޅެން އެނގިގެންދާނެއެވެ. މީގެއިތުރުންވެސް ކުދިން ކުޅޭހިތްވާ
ކުޅިވަރެއްވާނަމަ އެކުޅިވަރެއް ކުރިއަރުވަންވެސް މަސައްކަތްކުރެވިދާނެއެވެ.
އެގޮތުން ފުޓްބޯޅަ އަދި ބާސްކެޓްވެސް ކުޅެން ދަސްކޮށްދެވިދާނެއެވެ. އާއިލާއެކީގައި
ބައިސްކަލް ދުއްވަން ދިއުމަކީވެސް ޗުއްޓީ އުފާވެރިކަމާއެކު ހޭދަކޮށްލަން ވަރަށް
ރަގަޅު މަޖާ ހަރަކާތެކެވެ. މިބާވަތުގެ ހުރިހާ ހަރަކާތަކުންވެސް ޖިސްމާނީގޮތުން
ގިނަގުނަ ފައިދާ ކުރާނެއެވެ.
ކުދިންގެ
ތަފާތު ހުނަރުތައް ކުރިއެރުވުގެ ގޮތުން ބެލެނިވެރިންނާއެކު ކެއްކުމަކީވެސް ވަރަށް
ރަނގަޅަށް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް، އާއިލާއެންމެން ހެނދުނުގެ ނާސްތާ،
އެކުގައި ތައްޔާރުކޮށް އެކުގައި ސުފުރާމަތީ ނާސްތާކުރެވިދާނެއެވެ. ކެއްކުމަކީ
ވަރަށްމަޖާ އަދި އެއާއެކުއެކީގައި ވަރަށްގިނަ އެހެނިހެން ހުނަރުތައްވެސް
ކުރިއަރާކަމެކެވެ. ކެއްކުމުގެ ތެރޭގައި އެކަކު އަނެކަކާއި ގުޅުން ބަދަހިވެ
އެކުވެރިކަންވެސް ކުރިއަރާނެއެވެ. ކެއްކުމުގެ ތެރޭގައި ކުރެވެމުންދާ މުއާމަލާތުގެ
ސަބަބުން ބަސްކުރިއަރާނެއެވެ. ކެއްކުމުގެ ބާވަތްތައް ތައްޔާރުކުރާއިރު
ބޮޑެތިމީހުން އެކައްކާގޮތް ކިޔައިދޭއިރު އެކުދިން ސަމާލުކަންދީ
ކަނުލާއަޑުއަހާނެއެވެ. ދައްކާވާހަކަ ކަނުލައި އަޑުއަހައި ހިޔާލު ފާޅުކުރަންވެސް
ދަސްވާނެއެވެ. ކުދިން ބަދިގޭގައި އުޅޭއިރު ތަފާތު ހިޔާލުތަކަށް
އިހްތިރާމްކުރަންވެސް އެނގިގެން ދާނެއެވެ. ކައްކައި ނިމިގެން ސުފުރާމަތި
އިންތިޒާމްކުރާއިރު ކާނާ ޒީނަތްތެރިކޮށް މޭޒުގައި ހުށަހަޅަން ކިޔައިދެވިދާނެއެވެ.
އެއިރުން އެކުދިންގެ އުފެއްދުންތެރިކަން ކުރިއެރުމާއެކު ވިސްނުންވެސް ތަރައްގީ
ވެގެންދާނެއެވެ. ދުޅަހެޔޮ ދިރިއުޅުމެއްގައި ބޭނުންކުރެވޭ ފައިދާހުރި ކާނާއާއި
އެކިކާނާގެ ބާވަތްތަކުން ލިބޭނެ ފައިދާގެ ހޯދުންތައް ހޯދައި މިބާވަތުގެ ކާނާތައް
ތައްޔާރުކުރަން އިސްކަންވެސް ދެވިދާނެއެވެ. އެ ރެސިޕީތައް ހޯދައި އޭގައި އެވާ
މިންތަކަށާއި އެ ޕްރޮސީޖަރތަކަށް ވިސްނައިގެން ކެއްކުމުގެ ބައިތައް ފުރިހަމަ
ކުރަން އެނގިގެންދާނެއެވެ. މީގެ އިތުރުން ކެއްކުމަކީ އެއީ ކިހާވަރެއްގެ
މަސައްކަތެއްކަން ދެނެގަނެވި ކައްކާފައިކާންދޭ މީހުންގެ އަގުވަޒަންކުރުމުގެ
މުހިންމުކަންވެސް މީގެ ތެރެއިން އެނގިގެންދާނެއެވެ. ކާން ތިބޭއިރު
ސަމާލުކަންދޭންވީ ފޯނު، ޓެބްލެޓްފަދަ ތަކެތި ނުގެންގުޅޭށެވެ.
ކުދިންނަކީ
ތަފާތު ކަންކަން ކުރާ ހިތްވާ ތަފާތުކޮށް ވިސްނޭ ބައެކެވެ. މިހެންކަމާއެކު މަތީގައިވާ
ކަންތައްތައްކުރުމަށް ޝައުގުވެރި ނުވާނަމަ އެކުދިންނާއެކު ކުރެހުމާއި ފެހުމުގެ
މަސައްކަތްވެސް ޗުއްޓީގައި ކުރެވިދާނެއެވެ. އެގޮތުން ކުރެހުމުގެ ހަރަކާތުގައި
ކުދިންނާއެކު ބައިވެރިވެގެން އާއިލާގެ ތެރޭގައި ކުރެހުމުގެ މައުރަޒެއްފަދަ މަޖާ
ހަރަކާތެއްވެސް ބޭއްވިދާނެއެވެ. ކުރެހުމާއި ކުލަޖެއްސުމުން ކުދިންގެ ވިސްނުން
ތަރައްގީވެ އުފެއްދުންތެރި ހިޔާލުތައް ކުރިއަރައެވެ. ހަމަ މިފަދައިން ފެހުމާއި
މާޖެހުމުން ކުދިންގެ ފައިންމޮޓޯސްކިލްސް ނުވަތަ ކުދި ގުނަވަންތަކުގެ
ހަރަކާތްތައްވެސް ކުރިއަރައެވެ. މިސާލަކަށް ކުރަހާ ކުލަޖައްސާއިރު ނުވަތަ ފަހާ
މާޖަހާއިރު އަތްތިލަ ބޭނުންކޮށް އެއާ އެއްވަރަށް ލޯވެސް ބޭނުންކުރާނެއެވެ.
އެކުދިން އެމަސައްކަތް ކުރަމުންދާނީ ވިސްނުންތެރިކަމާއެކުގައެވެ. ވީމާ
ޖުމްލަގޮތެއްގައި އިނގިއްޔާއި އަތާއި ލޮލުގެ ހަރަކާތްތައް ގުޅިގެން އެކުއެކުގައި
މަސައްކަތް ކުރާނެއެވެ. އަދި އާއިލާގެ ކުދިބޮޑު އެންމެން ޝާމިލްކުރުމުން އާއިލާގެ
ފަރުދުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދެއެވެ. މިސާލަކަށް މާމައާއި
ކާފައަކީ މިކަހަލަ މަސައްކަތްތަކަށް ވަރަށް ހުނަރުވެރިބަޔަކަށް ވެދާނެއެވެ. މީގެ
ސަބަބުން އާއިލާގެ ތެރޭގައި ތިބޭ އިސް ރައްވެހިންނަށް ކުރާ ގަދަރާއި އިހްތިރާމް
ބޮޑުވެއެވެ. ކޮންމެ މީހަކީވެސް އެކިއެކި ހުނަރުތަކަށް ކުޅަދާނަ ގާބިލްމީހުންކަން
ދެނެގަނެވި މުޖުތަމައުގައި އާއި އާއިލާތެރޭގައި އަގުވަޒަންކުރަން ފެށެއެވެ.
މަތީގައި
ގެނެސްދެވިފައި މިވަނީ ކުދިންގެ ޖިސްމާނީ ތަރައްގީ، ޖިސްމާނީ ހުނަރުވެރިކަން
ނަފްސާނީ ދުޅަހެޔޮކަން އަދި މާއްދީ ކުރިއެރުން ދެމެހެއްޓުމަށްވެސް ކުރެވިދާނެ
ކަންތައްތަކެވެ. ކުޅުމާއި، ކަސްރަތާއި، މޫދުކުޅިވަރާއި، ގޭގައާއި ބޭރުގައި
ހަރަކާތްތެރިވެ އުޅުމުން އުގެނުމަށްވެސް އިތުރުކުރިއެރުންތައް ލިބިގެންދެއެވެ.
ފެހުމާއި މާޖެހުމަކީ ދިރިއުޅުމަށްވެސް ވަރަށް ބޭނުންތެރި ހުނަރެކެވެ. ވުމާއެކު
މިއަދުގެ ތައުލީމީ ނިޒާމުވެސް ބަށްޓަންވެފައިމިވަނީ މިފަދަ ހަރަކާތްތަކާއި
އެކުގައެވެ. މައިންބަފައިންވެސް ދަރިން ތަރުބިއްޔަތުކުރުމުގައި މިފަދަ
ކަންތައްތަކުގައި ކުދިން ޝާމިލް ކުރުވަން އެބަޖެހެއެވެ. އެއިރުން އެކުދިންނަކީ
ޒިންމާދާރު، ކެރޭ، ހީވާގި، އުފެއްދުންތެރި، އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ
ކުދިބަޔަކަށް ހެދޭނެއެވެ.
Comments
Post a Comment