ޤައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ ފެންވަރުބަލައި ވަޒަންކުރުން


 ލިޔުނީ: ނިޢުމާ މުޙައްމަދު


ދަރިވަރުންގެ ފެންވަރުބަލައި ވަޒަންކުރުމަކީ ކިޔެވުމާއި އުނގަންނައި ދިނުމުގެ މުހިންމު ބައެކެވެ. ދަރިވަރުގެ ފެންވަރުބަލައި ވަޒަންކުރަނީ ދަރިވަރުން ހާޞިލްކުރާ މިންވަރު ދެނެގަތުމަށާއި،  މުޤައްރަރުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުން ދަރިވަރުންނަށް ޙާޞިލްކުރެވުނު މިންވަރު ދެނެގަތުމަށެވެ. އަދިހަމަ އެފަދައިން އަނެއްބޭނުމަކީ ދަރިވަރުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދުމެވެ. މިގޮތުން އެކި ގޮތްގޮތަށް ފެންވަރުބަލައި ވަޒަންކޮށް ހޯދާ އެސެސްމަންޓް މަޢުލޫމާތުތަކުގެ ތެރޭގައި ދަރިވަރުގެ ޢިލްމީ ކުރިއެރުންތައް، ތަފާތު ހުނަރުތައް ކުރިއަރާފައިވާ ވަރު، އަދި އަޚްލާޤީ ގޮތުން ދަރިވަރު ހޯދާ ކުރިއެރުންތަކުގެ މަޢުލޫމާތުތައް ވެސް ހިމެނެއެވެ.

ދަރިވަރުންނާއި ބެހޭގޮތުން މިގޮތުން އެއްކުރާ އެސެސްމަންޓްގެ މަޢުލޫމާތުތަކަކީ އުނގެނި ދަސްކުރުމުގެ ތަފާތު އެކިއެކި މަރުޙަލާތަކުގައި ކިޔަވައިދިނުމަށާއި އުނގެނުން އިތުރަށް ކުރިއެރުވުމަށްޓަކައި ބޭނުން ކުރެވޭނެ ވަރަށް ޚާއްސަ މަޢުލޫމާތުތަކެކެވެ. މިހޯދާ މަޢުލޫމާތުތައް އެކި ކަންކަމުގައި އެކި ގޮތްގޮތަށް ތަޢުލީމީ ނިޒާމުގައި ބޭނުންކުރެވެއެވެ. މިސާލަކަށް އެސެސްމަންޓް މަޢުލޫމާތަކީ ދަރިވަރުންނަށް،  މުދައްރިސުންނަށް،  ސްކޫލްގެ ބޭނުންތަކަށް، 

މިސާލަކަށް، މިހޯދާ މައުލޫމާތަކީ ބެލެނިވެރިން، ޕޮލިސީ ހަދާ ފަރާތްތަށް އަދި ކަރިކިއުލަމް ޑިވެލޮޕަރުންނަށް ވެސް ވަރަށް ބޭނުންތެރިއެއްޗެކެވެ. މިގޮތުން މިފަދަ މަޢުލޫމާތު ބޭނުންކޮށްގެން ކަމާއިބެހޭ ހުރިހާ ފަރާތެއް ޝާމިލުކޮށްގެން ދަރިވަރުންނަށް ކުރިއެރުން ހޯދައިދިނުމަށް ސްކޫލުން މަސައްކަތް ކުރަންޖެހެއެވެ. އަދި މިމަޢުލޫމާތުތަކަކީ ދަރިވަރުންނާއި ބެލެނިވެރިންނާއި ދާއިމީގޮތެއްގައި ޙިއްސާ ކުރަމުން ގެންދަން ޖެހޭ މަޢުލޫމާތުތަކެކެވެ.  މި މަޢުލޫމާތުގެ ޒަރީޢާއިން މުދައްރިސުންނަށް ދަރިވަރުން ކުރިއަށްދާންވީ ހިސާބު ފާހަގަކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. ދަރިވަރުން ހުރި ހިސާބުދެނެގަނެވޭނެއެވެ. އެކުދިންގެ އިލްމީ ފެންވަރާއި، ލިބިފައިވާ ހުނަރުތަކާއި، ކުރެވޭކަންކަމާއި، ނުކުރެވޭ ކަންކަމާއި، އޮޅުން އަރާ ކަންތައްތައް ފާހަގަ ކުރެވޭނެއެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެމުންދާއިރު ޙާޞިލްވަމުންދާ މިންވަރު ގާތުން ބަލަމުން ގެންދިއުމުން އެހީތެރިކަންބޭނުންވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފަސޭހަވެގެންދެއެވެ.

ރާއްޖޭގެ ސްކޫލުތަކުގައި  ފެންވަރު  ބަލައި  ވަޒަންކުރަން ކަނޑައެޅިފައިމިވަނީ 2 ގޮތަކަށެވެ.  އެއީ  އެސެސްމަންޓް  ފޯ  ލާރނިންގ (ފޯރމަޓިވް އެސެސްމަންޓް)  އާއި  އެސެސްމަންޓް  އޮފް ލާރނިންގ (ސަމަޓިވް އެސެސްމަންޓް) އެވެ. މިގޮތުން ފައުންޑޭޝަން ސްޓޭޖްއިން ފެށިގެން ކީސްޓޭޖް 2 އަށް ކަނޑައެޅިފައިވަނީ ހަމައެކަނި އެސެސްމަންޓް ފޯ ލާރނިންގ އެވެ. ކީސްޓޭޖް 3 އިން ކީސްޓޭޖް 5 އަށް މިވަނީ 2 ގޮތަށް އެސެސްކުރުމަށް ކަނޑައެޅިފައެވެ. އެއީ އެސެސްމަންޓް ފޯ ލާރނިންގ އާއި އެސެސްމަންޓް އޮފް ލާރނިންގއެވެ. އަދި މިއީ ޤައުމީ މަންޙަޖުގައި ފެންވަރު ވަޒަންކުރުމަށް ކަނޑައެޅިފައިވާ ގޮތްތަކެވެ.

"އެސެސްމަންޓް ފޯ ލާރނިންގ" ނުވަތަ :ފޯމަޓިވް އެސެސްމަންޓް" އަކީ ދަރިވަރުންގެ ފެންވަރު މުދައްރިސުން  ވަރަށް  ގާތުންބަލައި ދަރިވަރުގެ ކުރިއެރުން ދުވަހުން ދުވަހަށް މޮނީޓަރކޮށް ބެލުމެވެ.  މިގޮތުން ކުލާހުގައި  ހޭދަކުރާ  ހުރިހާ  ވަގުތެއްގައިވެސް  ދަރިވަރުގެ  ފެންވަރު ބަލައި ލިބޭ މައުލޫމާތުތައް މުދައްރިސުން އެއްކުރާނެއެވެ. މިއެއްކުރާ މަޢުލޫމާތުތައް ދިރާސާކޮށް ދަރިވަރުގެ ކުރިއެރުމަށް ފަހި މަގުތައް ކޮށައި ކުރިއަރާނެ ގޮތްތައް މުދައްރިސުން ހޯދައިދެއެވެ. ލިބޭ މަޢުލޫމާތުތަށް ބޭނުންކޮށް ދަރިވަރުންނަށް ދާއިމީ ގޮތެއްގައި މިބާވަތުގެ ފޯރމެޓިވް އެސެސްމަންޓްގައި ފީޑްބެކްދެވޭނެއެވެ.  

އެސެސްމަންޓް ފޯ ލާރނިންގ ރަނގަޅަށް ގެންދެވޭނީ  އެދަރިވަރަކު  ހުރިހިސާބު ރަގަޅަށް ދެނެގަނެގެންނެވެ. މިސާލަކަށް ދަރިވަރަށް އިނގެނީ ކޮންކަންތައްތަކެއްތޯ / ކޮން ހުނަރެއްތޯ އާއި އެދަރިވަރަށް އެކަމެއް / އެހުނަރެއް މިހާރު އޮޅުން ފިލައިފައިވަނީ ކިހާވަރަކަށްތޯ ބެލުމަކީ ވަރަށް މުހިންމުކަމެކެވެ. މިސާލަކަށް ދަރިވަރަށް އެހުނަރެއް ޙާޞިލްވިއަސް އަދި ނުވިއަސް އުގެނުން ފަހިކޮށްދިނުމަށްޓަކައި ދަރިވަރަށް އެކަމެއް ނޭނގޭ ސަބަބުތައް ހޯދައި އެދަރިވަރު ދެން ކުރިއަށްދާންވީ އެންމެ ފަސޭހަ މަގުތައް މުދައްރިސް ފަހިކޮށްދޭނެއެވެ. މިގޮތަށް ފެންވަރުބެލުމުގައި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީ އަބަދުވެސް ބަލަންވާނީ ދެންޖެހިގެން ހުރި އުނގެނުމުގެ  ހަރުފަތައް  (ނެކްސްޓް  ލާރނިންގ  ސްޓެޕްއަށް) އެރުވޭތޯއެވެ. އެސެސްމަންޓް ފޯ ލާރނިން ކުރިއަށް ދެވޭނީ މުދައްރިސާއި ދަރިވަރާއި ގުޅިގެންނެވެ. ދަރިވަރު ކުރިއަށްދާންވީ މިންގަނޑުތައް ކަނޑައަޅައި، ދެން އުނގެނި ދަސްކުރަންވީ ބައިތައް ފުރިހަމައަށް އެނގޭނެގޮތަށް ދަރިވަރަށް ތަފްސީލުކޮށްދީ އޮޅުންފިލުވައިދޭންވާނެއެވެ. މި ބާވަތުގެ އެސްމަންޓްގައި ދަރިވަރު ހުރިހިސާބުފާހަގަކޮށް ދާންވީ މިސްރާބު/ޓާރގެޓް ބުނެދޭންވާނެއެވެ. މުދައްރިސުން މިގޮތަށް އެއްކުރާ އެސެސްމަންޓްގެ މަޢުލޫމާތުތަކުގެ ރެކޯޑްތައް އެއްކޮށް ކުރިއެރުންތައް އަބަދުވެސް އަދާހަމަ ކޮށް ބަލަހައްޓަންޖެހެއެވެ.

ކޮންމެ ދަރިވަރަކީވެސް  ތަފާތު  ދަރިވަރެކެވެ. ވީމާ މުދައްރިސުން ވަކިވަކި ދަރިވަރުންގެ ތަފާތު ދަނެގަންނަން މަސައްކަތް ކުރަންވާނެއެވެ. ތަފާތު ގިންތީގެ ދަރިވަރުންނަށްވެސް  އުނގެނުން ބަށްޓަން ކޮށް އޭނަގެ އުނގެނުން ކުރިއަށް ގެންދާނީ އެހެން ދަރިވަރުންނާއި އެކުގައި ޝާމިލްކޮށްގެންނެވެ.  އެސެސްމަންޓް ފޯ ލާރނިންގ ރަނގަޅަށް ކުރިއަށް ގެންދެވޭނީ ދަރިވަރުންގެ ތަފާތުތަށް (އިންޑިވިޖުއަލް ލާރނިންގ ޑިފަރެންސަސް) ދަނެގަނެގެންނެވެ. ދަރިވަރުންގެ އުނގެނޭ ތަފާތުތަކަށް ވިސްނައި އެގޮތްތަކަށް ފިލާވަޅުތަށް ބަށްޓަންކޮށްގެންނެވެ.

މިގޮތަށް ވިސްނައިގެން ފިލާވަޅުތައް ރޭވުމުގައި އާއި  ތައްޔާރުކުރުމުގައި  ތަފާތު  އަދި  ގިނަ "މޮޑެލިޓީ" ތަކަށް ވިސްނަންވާނެއެވެ. މީގެ ތެރޭގައި އަޑުއެހުން،  ވާހަކަދެއްކުން،  ކިޔުން، ލިޔުން އަދި  ތަޖުރިބާއާއި ޢަމަލީމަސައްކަތް ހިމަނަން ވާނެއެވެ. މިސާލަކަށް ބައެއް ކުދިންނަށް ފަސޭހައީ މުދައްރިސް ކިޔައިދޭއިރު އަޑުއަހައިގެން އުނގެނޭށެވެ. އަނެއްބައި ކުދިންނަށް އެއްޗެހި ފެނިގެން ފަސޭހަ ކަމާއެކު އުނގެނެއެވެ. ކުލާހުގައި ހިނގާ މަޝްވަރާ ތަކުގެ ތެރެއިންވެސް އުނގެނުމަށް  މަގުފަހިވެއެވެ. ނޫނީ އެއްޗެއް ކިޔާފައި ލިޔުނީމަވެސް ބައެއް ދަރިވަރުންނަށް ފިލާވަޅު ދަސްކުރަން ފަސޭހަވެއެވެ. އަދި އުގަންނައި ދިނުމުގައި ތަޖުރިބާތަކާއި ޢަމަލީ މަސައްކަތްތަކުގެ ބޭނުން ވަރަށް މުހިންމެވެ. ވީމާ ތަޖުރިބާއާއި ޢަމަލީ މަސައްކަތް ހިމަނައިގެން ގެންދާ ފިލާވަޅުތައް އިތުރު ކުރަންވާނެއެވެ. ތަފާތު މޮޑެލިޓީތަކަށް ފިލާވަޅުތައް ރޭވުމުން އެސެސްމަންޓް ފޯ ލާރނިންގ ގެ ބައިތައް ވެސް ދާނީ އުނގެނުމުގެ ތެރޭގައި ފުރިހަމަ ވަމުންނެވެ.

 

ރެފަރެންސް

މިނިސްޓްރީ އޮފް އެޑިއުކޭޝަން (2019) ، ދަރިވަރުން ފެންވަރުބަލައި، ވަޒަންކުރުމުގެ އުސޫލު، މާލެ، ދިވެހިރާއްޖެ

ލައުރާ ގްރީންސްޓެއިން (2010) ، ވަޓް ޓީޗަރސް ރިއަލީ ނީޑް ޓު ނޯ އެބައުޓް ފޯރމަޓިވް އެސެސްމަންޓް،

USA,


Comments

Popular posts from this blog

ޤައުމީ މަންހަޖުގައި ކަނޑައަޅައިފައިވާ ފެންވަރުބަލައި ވަޒަންކުރުން: ދަރިވަރުންގެ ފެންވަރު ބަލައި، ވަޒަންކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލަށް ނަޒަރެއް

ފޯރމެޓިވް އެސެސްމަންޓް: ސެލްފް އެސެސްމަންޓް

މާނަހުރި ގޮތެއްގައި އުނގެނުމާއި ހިތުދަސްކުރުމުގެ ތަފާތު